އަދަބާއި އަދަބު Print E-mail
ކިޔުންތެރިން ދެކޭގޮތް: / 4
ދެރަވަރަށް ރަނގަޅު 
ބަހާއި އަދަބު - އަދަބިއްޔާތު
ހުކުރު, 31 މެއި 2013 00:02

އާދަމް ނަޞީރު އިބްރާހީމް
ތަފާތު ބޮޑު، ތަފާތުތަކަކާ އެކު ދިވެހިބަހުގައި ބޭނުން ކުރެވޭ އެއް ލަފުޒަކީ، 'އަދަބު' މި ލަފުޒެވެ. ކުށެއް ކުރާ މީހާ، ކުށެއް ކުރީތީ އޭނާ އާ މެދު އަޅާފިޔަވަޅަކީ އަދަބެވެ. ކުށެއް ނުކޮށް މުޖުތަމަޢުގެ އަގުތަކަށް ރައްކާތެރިވެ، މާތް އަޚުލާޤެއްގެ މަތީގައި ދިރިއުޅޭ މީހާގައި އެ ހުންނަނީ އަދަބެވެ. ފަޞާޙަތާއި ބަލާޣަތާ އެކު ލިޔެ އެކުލަވައި ލެވޭ ލިޔުންތަކާއި ޅެންތަކަކީ އަދަބެވެ.

އަދަބީ އުފެއްދުންތަކަކީ ބަހުގެ ވަކި އުސްލޫބުތަކެއް ހިފެހެއްޓިފައި ވާ، އެކުލަވައި ލުމާއި ޢިބާރާތް ކުރުމުގައި ވަކި ސިފަތަކެއް ހިމެނިފައި ވާ އެއްޗެކެވެ. ލިޔުމެއްގައި އަދަބު ހުންނަ ކަމަށް ވަނީ، މި ދެންނެވި އުސްލޫބުތަކަށް ފެތޭ ނަމައެވެ.  އަދަބު ކުރި އަރުވާން މަސައްކަތް ކުރާ މީހުންނަކީ މި ދެންނެވި ސިފަތަކާއި އުސްލޫބުތައް ރީތި ވާ މީހުންނެވެ. އެ މީހުންގެ ޛައުޤު ގުޅިފައި ވަނީ، މި ކަންކަމާއެވެ.

އިސްލާމީ ބައެއް މުފައްކިރުން ދެކެވަޑައިގަންނަވާ ގޮތުގައި އަދަބު އޮންނާން ވާނީ މުޖުތަމަޢަށްޓަކައެވެ. މާނައަކީ، އަދަބީ ކޮންމެ އުފެއްދުމަކީ މުޖުތަމަޢުގެ އަޚުލާޤާއި ހެވަތަށް މަގު ދައްކައި ދޭ އެއްޗެއް ކަމުގައި ވުމެވެ.  މުޖުތަމަޢުގެ އަގުތަކާއި ކަރާމާތް ނަގަހައްޓާ އެއްޗެއް ކަމުގައި ވުމެވެ.

ބައެއް މައުޟޫޢުތަކުގައި އަދަބު، އައިބު ވާހަކަތަކާއި ލަދު ވާހަކަތައް ދައްކައިފައި ހުރެއެވެ.  ބައެއް ސަބަބުތަކަށްޓަކައެވެ. ނަމަވެސް މި ވާހަކަތައް ހުންނަނީ ދާފަރާއެއްގެ ތެރޭގައެވެ. ފަރުދާއެއްގެ ނިވަލުގައެވެ. އިމެއްގެ ތެރޭގައެވެ. ޙަޤީޤަތަކީ މި ވާހަކަތަކަކީ، ނުވަތަ ވާހަކައިގައި ހުންނަ މި ދެންނެވި ބާވަތުގެ ލަފުޒުތަކަކީ އޭގެ ޒާތުގައި އެއްވެސް ނިވަލެއް ނެތް އެއްޗެއް ކަމެވެ.  އެ ލަފުޒުތައް ހުންނަނީ 'ފޭރާމެއް ނެތި' އެވެ. ނަމަވެސް އެ ވާހަކައެއް މުޖުތަމަޢަށް ނެރެ ހާމަ ކުރަނީ އަދަބުގެ ޝޯކޭހުގައި ކަމަށް ވާތީ، އެއަށް ލިބޭ ސިފައެއް އޮވެއެވެ. ނިވާކަމުގެ ސިފައެވެ. އަޚުލާޤާއި ތަހުޒީބުގެ ސިފައެވެ. އަދަބު އެ އިން ކޮންމެ ލަފުޒެއްގެ މެ ލިބާސް ލައްވަނީއެވެ. ޙަޤީޤަތުގައި މޮޅު އަދަބުގެ ދައުރަކީ، އޭގެ އެންމެ ހިތްގައިމު ސިފައަކީ ވެސް މިއެވެ. މުބާލަޣާއާއި، ތަޝްބީހާއި، އިސްތިޢާރާއާއި މަޖާޒު ފަދަ އަދަބީ އުކުޅުތަކުގެ މަންފާއަކީ ވެސް މިއެވެ. އެހެނީ، އެހައިރުން މީހުންގެ ލޮލުގައި އަޅައިގަންނަ ތަފާތު ތަސްވީރެއް އެ އުފެއްދުމަކަށް ލިބެއެވެ. އަދަބުގެ އެއް ޝަރުޠުކަމުގައި ވާ އީޖާދީ ސިފަ ޖެހިގެން އާދެއެވެ. މިސާލެއް ދަންނަވައިލާނަވެ.

''ދަހި ކޮވެލި މި ދޭހުން
ނަހިރު ތާ ނުވި ކަމެއް ހުންނަ
އަހިވަށް ލިބުނު ވެސް ފަހުން
ފަހިވެ ބިނދެ ކައެ ގަސްގަހުން
މަހިލަ ކުދި ގޮފި ދުކޮށް ބާގު
ރަހިވަކާ ދޮން ދަނބާގު''

މިއީ ހަބަސް ރައިވަރެކެވެ. އެކުލެވޭ މާނައަކީ ކޮބައި ތޯއެވެ؟ ''މި ދޭހުން ދަހި ކޮވެލީގައި ހުންނަ ނުތާހިރު ކަމެކެވެ. އަހިވައް ވެސް ލިބުނު ފަހުން، ކުދި ގޮފި ލަނބާ ގުދުކޮށްގެން ފަހި ކަމާއެކު ގަސްގަހުން ދޮން ދަނބާއި ގުރަހިވައް ކައި އުޅެއެވެ.''

މި ދައްކަނީ ކޮން ވާހަކައެއް ތޯއެވެ؟ އަހި ވަކަކީ ކޮވެލީގެ އެންމެ މީރު ކާނާއެވެ. ނަމަވެސް މި ދޭހުގެ (ދުނިޔޭގައި އުޅޭ) ދަހި ކޮވެލީގެ ޒާތަކީ ކޮބައި ހެއްޔެވެ؟ އެ ސޮރަށް އަހިވައް ލިބުނީމާ ވެސް ޝުކުރު ކުރުމެއް ނެތެވެ. ފުދޭ ކަމަކަށް ނުވެއެވެ. އެހެންވެ ގަސްގަހުން ކުދި ގޮފި ލަނބައި ގުދުކޮށްގެން (ގަދަކަމުން) ދޮން ދަނބާއި ގުރަހިވަކަށް ދާންދެން ކަނީއެވެ. (ގުރަހިވަކަކީ މަގޫ އޮށެވެ.)

ޢިއްފަތްތެރިކަމެއް ނުހުންނަ ވިޔަޔާނުދާ ފިރިހެނުންގެ ސުލޫކު މި ބަޔާން ކޮށް ދެނީ ކޮން ފަދަ ރީތި ގޮތަކަށް ތޯ އެވެ؟ ކުޑަ ކުދީންގެ ކަރާމާތަށް އަރައިގަންނަ މައްސަލައަކީ މި އަދު ވެސް މި ރާއްޖޭގައި ބޮޑު މައްސަލައެކެވެ. ގަދަ ކަމުން އެ ކުދީންގެ ޙުރުމަތް ފޭރިގަންނަ މީހުންގެ ލިސްޓު ކުރެއް ނޫނެވެ. މި އަނިޔާވެރި އަމަލު އަދަބާ އެކު އަދަބީ ގޮތެއްގައި މި ވަނީ ސިފަކޮށްދީފައެވެ. އަދަބަކީ މިއެވެ. ތަހުޒީބު މުޖުތަމަޢެއްގައި އަދަބަކީ އަޚުލާޤާ ވަކި ކުރެވޭނެ އެއްޗެއް ނޫނެވެ. ވަކީން ޚާއްޞަކޮށް އިސްލާމީ މުޖުތަމަޢެއްގައެވެ.

ދިވެހީންގެ ތެރޭގައި އަޚުލާޤުގެ މާނައިގައި އަދަބު އޮތް ގޮތެއް ވެސް، ބަލަމާ ތޯއެވެ. އަޅުގަނޑުމެންގެ ކާބަފައިން ބައެއް ވާހަކަ ބުނެ އުޅުނީ ވަރަށް އަދަބުވެރި ގޮތުގައެވެ. ތަހުޒީބު ރީތި ގޮތުގައެވެ. ތެދުފުޅެކެވެ. މިއަދު މަދަރުސާއެއްގެ ކިލާހެއްގައި ކިޔަވާން ގޮސް ތިބޭ ބައެއް ކުދީން، ވަކި ކަމަކު ޖެހުނީމާ،  ހިއްލައިލަނީ ކުޑަވައި އިނގިއްޔެވެ. އަނެއް ބައި ކުދީން ހަދާ ގޮތަކީ އޭނާއަށް އެ ވަގުތަކު  ފުއްދާން ޖެހިފައި ވާ ކަމެއްގެ ވާހަކަ، އޭގެ ސާފު ނަމުން ބުނަނީއެވެ. ދެން ފާޚާނާއާ ދިމާއަށް ހިނގައި ގަނެއެވެ.

ކާބަފައިން އެމީހުންގެ ލަދު ހާޖާތްތަކަށް ނަންކިޔައި އުޅުނީ ކިހިނެއް ތޯއެވެ؟ 'އަތިރިޔަށް އެރުމެވެ'. 'ވަލަށް ވަނުމެވެ'. 'ގިފިއްޔަށް ދިޔުމެވެ'. އޭގެ ފަހުން 'ފާޚާނާއަށް ދިޔުމެވެ'. އެންމެ ތިލަ ވެގެން ވެސް އައީ މިހިސާބަށެވެ. އެއްވެސް ހާލަތެއްގައި އެ ބޭނުންވާ ކަމެއްގެ ސީދާ ނަމުން ބުނެއެއް ނޫޅެއެވެ. މިއީ އާންމު ވާހަކަ ދެއްކުމުގައެވެ. އަދަބީ އުފެއްދުންތަކުގައެއް ނޫނެވެ. އެކަމަކު މިއީ އިޖުތިމާޢީ އަދަބެވެ. އިންސާނީ އަދަބެވެ.

ވިލާތުގެ ރެސްޓޯރަންޓްތަކަށް ވަޑައިގަތީމު ނޫންތޯއެވެ؟ އެ ރެސްޓޯރަންޓުތަކުގައި ފާޚާނާ ހުރެއެވެ. އެކަމަކު ނަންބޯޑުގައި އޮންނާނީ toilet އެއް ނޫނެވެ. އޮންނާނީ އެ ނޫން ކޮންމެވެސް ނަމެކެވެ. މިސާލަކަށް bath room  ފަދައެވެ. ކީއްވެތޯއެވެ؟ އެމީހުންގެ ބަހުރުވައިން ދަންނަވާ ނަމަ، polite ގޮތަކީ އެއީކަމަށް ވާތީއެވެ. މުރާދަކީ، ތަހުޒީބު މުޖުތަމަޢެއްގެ ތަހުޒީބު ބަސްމަގުގައި toilet އެއީ އެ ޙާލަތުގައި، 'ބޭ އަދަބީ' ލަފުޒަކަށް ވުމެވެ. ކަމޭ ހިތުން ލިބިގެން ވާ ލަފުޒަކަށް ނުވުމެވެ. ފަކުރު ލަފުޒަކަށްވުމެވެ.

ދާދި ފަހުން އަދަބީ މަހުރަޖާނަކަށް ދާން، ދައުލަތުގެ ރަސްމީ އިދާރާއަކުން ދަޢުވަތު ލިބުނެވެ. އުފަލާ އެކީ ހާޒިރުވީމެވެ. ނަމަވެސް އެ މަހުރަޖާނުގައި ހުށަހެޅުނު އަދަބީ އެއް ހުށަހެޅުމަކީ، މި ލިޔުން ލިޔާން އަޅުގަނޑުގެ ޒަމީރަށް މަޖުބޫރު ކުރުވި ސަބަބެވެ. މާލަމުގެ ތެރޭގައި އިޢުލާނު ކުރެވުނީ ދިވެހި އަދަބީ އުފެއްދުމެއްގެ ގޮތުގައެވެ. ހުށަހެޅީ މަދަރުސާ ކުދީންނެވެ. އަޑު އަހައި އަތްތިލަބަޑި ޖަހާން ތިބީ ގައުމުގެ ކޮމުވޮށީންނާއި މުދައްރިސުންނާއި ބެލެނިވެރީންނެވެ. ޓީވީން ވަގުތުން ދުރަށް ދައްކައިފައި ވާތީ، ރާއްޖޭގެ އެތައް އާއިލާއަކުން އެއްފަހަރާ ބަލާނެތާއެވެ! އެ އެ އަޑު އަހާނެ ތާއެވެ!

އަޅުގަނޑަށް ވަރަށް އަސަރު ކުރިއެވެ. 'ޅެން' ފެށުމާއެކު، އަޅުގަނޑާ ޖެހިގެން އިންނެވި ދުވަސް ވީ ހަރު ބޭފުޅަކު 'އަޗިޗީ' އޭ ވިދާޅުވި އަޑުފުޅު އެހީމެވެ. މި ދެންނެވި އުމުރުގެ ހަރުކުލައިގެ އެއްތައް ލޮލެއްގައި ސުވާލު މާކު، އެތައް ނިތެއްގައި ނުރުހުމުގެ ރޫ، އުފުލިފައި ހުއްޓައި ދުށީމެވެ. ބޭނުން ކުރި ލަފުޒުތަކުންނެވެ. އަދަބާ ޚިލާފު 'އަދަބު' ކަމަށް ވާތީއެވެ.  ނުވަތަ އަދަބަށް ލިބޭ ހުތުރަކަށް އައިބަކަށް ލަދަކަށް ވާތީއެވެ.

އަޅުގަނޑު އުއްމީދު ކުރަނީ އަދަބުގެ ގޮތުގައި އަދަބު ކުރި އަރާނެ ދުވަހަކަށެވެ. ހަމަ އެހެންމެ، އަދަބާ އެކު އަދަބު ކުރި އަރުވާނެ ވިސްނުމަކަށެވެ. އެ ފަދަ މަސްއޫލުވެރި ފަރާތްތަކަށެވެ. ބަޔަކަށް އަދަބު ސަދަބު އޮޅިދާނެއެވެ. ނަމަވެސް އަދީބުން އުފައްދާ ކާރުޚާނާގެ ނަމުން ނަން ދެވޭ  ފަދަ މުއައްސަސާތައް ތިބޭން ވާނީ ހޭލައި ނޫންތޯއެވެ؟
------------------------
  މިލިޔުން ކިޔައިފައިވާ ޢަދަދު: 1437

ޚިޔާލުތައް 

 
0 #6 ޢ. ޣަފޫރު 2013-06-02 17:03
ނަސީރު ފާހަގަ ކުރައްވާފައިވާފަދައިން 'އަދަބު' މި އަސްލު ނުވަތަ މާއްދާ އާއި ގުޅޭ ލަފްޒުތަކެއް ދިވެހިބަހުން އަޅުގަނޑުމެން ބޭނުންކޮށް އުޅެމެވެ. ނަމަވެސް ބޭނުންވާ މާނަ ކަނޑައަޅައި އަންގައިދިނުމުގައި ކުޑަ ތަފާތެއް ހުންނާތީ ފެނެއެވެ. އެންމެ ފުރަތަމަ ބަހުގެ އަދަބު ނުވަތަ އަދަބިއްޔާތު މި އިބާރަތުން ދެމާނައެއް ދޭހަވެއެވެ. އާއްމު މާނަ އަކާއި ޚާއްސަ މާނައެކެވެ. ބަހެއްގެ އަދަބޭ ބުނެވޭ އިބާރާތުގެ އާއްމު މާނައެއްކަމަށް ފެންނަނީ އެ ބަހަކުން ލިޔެވިފައިވާ ހުރިހާ ބާވަތެއްގެ ލިޔުމަކަށް އިޝާރަތްކޮށް ބުނާބުނުމެކެވެ. އިލްމީ އަދި އަދަބީ ލިޔުންތަކެވެ. އެ އިބާރާތުގެ ޚާއްސަ މާނައަކީ ނަސީރު ފާހަގަ ކުރެއްވިފަދައިން ކިޔާ މީހާގެ ނަފްސަށް އަސަރު ކުރުވާ ފަދަ ގޮތަކަށް ލިޔެވިފައި ހުންނަ ލިޔުންތަކަށެވެ. ފަސާހަތްތެރި އަދި ބަލާޣަތްތެރި ލިޔުންތަކަށެވެ. ޅެމާއި ވާހަކަ އަދި ތަމްސީލު ފަދަ ނަޘްރެވެ. އަޚުލާގީ އަދި ތަހުޒީބީ ގޮތުން މީހެއްގެ ކިބައިގައި ހުންނަ ސިފަތަކަށް އިޝާރަތް ކުރާއިރު އާއްމު ކޮށް ދިވެހިން ލިޔެވިފައި ހުންނާތީ ފެންނަނީ އަދަބުވެރިކަން މިހެންނެވެ. މިސާލެއްގެ ގޮތުން ދިވެހިބަހުގެ އުސްތާޒު ޝައިޚު ސަލާހުއްދީނު އަދަބުވެރިކަމާ ބެހޭގޮތުން ހެއްދެވި ޅެން ހަނދުމަކޮށްލަމާތޯއެވެ. އެ ޅެމުގެ ފުރަތަމަ ބައިތުގައި ވަނީ "އަދަބުވެރިކަންނެތުނު މީހާ ދެދުނިޔޭން ގެއްލިނިމިދާނޭ - މަދަރުވެރިކަންނެތީވިއްޔާ ޤަދަރުނެތިގެންހިނގައިދާނޭ" މިހެންނެވެ. އެހެންވެ ނަސީރުގެ މި ލިޔުމުގެ ސުރުޚީއަކަށް އަޅުގަނޑު ލިޔެލާހިތްވަނީ [އަދަބާއި އަދަބުވެރިކަން] މިހެންނެވެ. ދެން، މީހަކު ކުށެއް ކޮށްފިނަމަ އޭނާއަށް އަދަބު ދެނީއެވެ. މި ފަދަ މީސްމީހުންނަށް އަދަބު ދިނުން އެއީ އޮންނަ ކަމެކެވެ.
އަދި ނަސީރުގެ ވަރަށް ރީތި ޅެމެއް މިދޭތެރެއިން ބަލައިލުމުގެ ފުރުސަތު ލިބުނެވެ. "މިހާރު މިހިތް މިރޮނީ" މި ޅެމެވެ. އެޅެމުގެ މުޅިން ލަފުޡީ ތަރުޖަމާއެއް ނޫނަސް އެ ޅެމުގައި އެކުލުވޭ ޖުމްލަ މާނައިގެ ތަރުޖަމާ ޅެމެއެއް ފޮނުވައިލާނެވާހަކަ ދަންނަވައިލަމެވެ.
 
 
0 #5 އާދަމް ނަޞީރު އިބްރާހީމް 2013-06-01 15:04
ލިޔުންވިދާޅުުވި އެންމެހައި ބޭފުޅުންނަށާއި، އަޅުގަނޑަށް ހެޔޮ އެދިވަޑައިގެން ޝޫޢޫރު ފާޅު ކުރެއްވި، ޚިޔާލު ދެއްވި އެންމެހައި ބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ.
ނަޢީމު ތިޔަ ފާހަގަ ކުރެއްވީ ރަނގަޅު ނުކުތާއެކެވެ. އަދި ކުރެއްވި އިޞްލާޙު މުޅީން ރަނގަޅެވެ. ފަށްފަށުން ޝުކުރިއްޔާއެވެ. އެހެެން ދެ ބޭފުޅަކު ފޯނުން ހިއްސާ ކޮށްލެއްވި މަޢުލޫމާތެއް ވެސް ވެއެވެ. އެއީ ''ބާތު ރޫމު'' ގެ ބަދަލުގައި 'ރެސްޓު ރޫމު' ޖެހި ނަމަ ބޮޑަށް ރަނޅު ވީސްކަމުގައެވެ. ސަބަބަކީ 'ބާތު ރޫމު' ގައި ވިއްޔާ ފެންވެރޭނެ ގޮތް ވެސް ހުންނާނެތީ ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ. އެހެން ކަމުން އެ ބޭފުޅުންނަށް ޝުކުރު ދަންނަވައިލާ ޙާލު، އެ މަޢުލޫމާތު ވެސް ކިޔުންތެރީންނާ ހިއްސާކޮށްލުމަށްޓަކައި މި ތާނގައި ނަކަލު ކޮށްލީއެވެ. އަޅުގަނޑު އެ މިސާލުގައި 'ބާތު ރޫމު' ހިމަނައިފައި އެ އޮތީ، ފިލިޕީންސްގައި އަޅުގަނޑު ހުރި ހުރުމެއްގައި ދެވުނު ރެސްޓޯރަންޓެއްގެ ފާޚާނާގެ ދޮރުގައި 'ބާތު ރޫމު' ޖަހައިފައި އޮތަތީއެވެ. އެކަމާ ގުޅޭ ގޮތުން އަޅުގަނޑުގެ ރަޙްމަތްތެރި ޕްރޮފެސަރ ޖޯނަށް ސުވާލު ދަންނަވައި ލީމާ، ޓޮއިލެޓު އޮތުމާއި ބާތު ރޫމު އޮތުގެ ތަފާތާއި އޭގެ ސަބަބު ކިޔައިދެއްވިއެވެ.
ޙަޤީޤަތުގައި ރަނގަޅު ގޮތަކީ ރެސްޓު ރޫމު ކަމަށް ވެދާނެއެވެ. އެހެން ލިޔެފައި ހުއްޓައި ފެނިފައި ވެސްވެއެވެ. ކޮންމެ އަކަސް މަޤުޞަދަކީ، އެ ނަމެއް ނޫނެވެ. ކަމެވެ. އިހުތިރާމާއި ތަހުޒީބުގެ ސިފައެވެ.

އިޚްލާޞްތެރިކަމާއެކު އެންމެހައި ބޭފުޅުންނަށް ޝުކުރު ތަކުރާރު ކުރަމެވެ!
 
 
+1 #4 ނަޢީމް 2013-05-31 20:06
އަލް އަޚް އާދަމްނަސީރުގެ ލިޔުމެއް ނުފެނި ގިނަދުވަސްތަކެއް ވުމަށްފަހު މި ފެނުނީ ވަރަށް ގަޔާވާ އަދި ހާލަތާ ވަރަށް ގުޅޭ ލިޔުމެކެވެ. ކައިރި މުސްތަޤްބަލެއްގައި އިތުރު ލިޔުމެއް ފެންނާނެ ކަމަށް އުންމީދު ކުރަމެވެ. ދެން، ލިޔުން ޓައިޕް ކުރުމުގައި ޖެހިފައި އޮތް އަތު ކުށެއް ކަމަށް އަޅުގަނޑަށް ހީވާ ތަނެއް ފާހަކަ ކޮށްލާނަމެވެ. ފަހަތުން ދެވަނަ ޕެރެގްރާފުގައި "އެއްތައް ލޮލެއްގައި ސުވާލު މާކު" ގެ ބަދަލުގައި އޮންނާނެ ކަމަށް ލަފާކުރެވެނީ، "އެތައް ލޮލެއްގައި ސުވާލު މާކު" މިހެންނެވެ.
 
 
0 #3 ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު 2013-05-31 10:23
ނަޞީރުގެ ގިނަ ލިޔުއްވުންތަކަށް އިންތިޒާރުކުރެވެއެވެ.
 
 
0 #2 މަރީ 2013-05-31 10:18
ނަޞީރުގެ ލިޔުއްވުމެއް ނުފެންނަތާ ގިނަ ދުވަސްތަކެއްވުމަށްފަހު ލިޔުމެއް ފޮނުއްވީތީ ވަރަށް އުފާވެއްޖެ އެވެ. ނަސީރުގެ ޅެމަކަށް ވެސް އިންތިޒާރުކުރަމެވެ.
 
 
0 #1 ޝާކިރު 2013-05-31 02:18
މި ސައިޓުން ނަޞީރުގެ ލިޔުއްވުމެއް ނުފެންނަތާ ގިނަ ދުވަސްތަކެއްވުމަށްފަހު މުނާސަބު ވަގުތުގައި މުނާސަބު ލިޔުމެއް ފޮނުއްވައިދެއްވުމުން ޝުކުރު ދަންނަވަމެވެ. ހަމަ އެއާއިއެކު، މިހާރަށްވުރެ ލިޔުއްވުންތަކުގެ ދޭތެރެ ކައިރި ކުރައްވާނޭކަމަށް އުންމީދު ކުރަމެވެ.
 

ޚިޔާލު ފޯމު

  • JoomlaWorks Simple Image Rotator
  • JoomlaWorks Simple Image Rotator
  • JoomlaWorks Simple Image Rotator
  • JoomlaWorks Simple Image Rotator

މި ވަގުތު އޮންލައިންގައި

 50 ކިޔުންތެރިން 

ބަސްފޮތުން

ހަރާންވުން މ. ދީނީގޮތުން މަނާވުން.
ލިޔުންތައް ކިޔައިފައިވާ ޖުމްލަ ޢަދަދު : 2991489

އެންމެފަހުގެ ޚިޔާލުތައް